ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ "މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް، އެވުޒާރާއިން އެރަށްރަށުގެ ރަށު ކައުންސިލްތަކާ މިއަދު ހަވާލުކޮށްފިއެވެ.

މި ވެހިކަލްތައް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ މިއަދު އެވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެވެ.

މިވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އެވުޒާރާއިން ހިންގަމުންދާ މަޝްރޫޢު ގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެކެވެ. މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް އެވުޒާރާއިންވަނީ ނިންމާފައެވެ.

އެގޮތުން 22 ފެބްރުވަރީ 2024 ގައި އެވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި 48 ރަށެއްގެ ރަށު ކައުންސިލްތަކާ ވަނީ ވެހިކަލް ހަވާލުކޮށްފައެވެ. އެހެންކަމުން މިއަދު ރަށު ކައުންސިލްތަކާ ހަވާލުކުރި 30 ވެހިކަލަކީ ބާކީ ހުރި ރަށްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ވެހިކަލްތައް ކަމުގައި އެވުޒާރާއިންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މިމަޝްރޫޢުގެ ދަށުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލްތައް ހަވާލުކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލައްވާނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 6 މަހުގައި 22 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދީ އެއިކުއިޕްމަންޓް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށުކައުންސިލްތަކަށް ފޯރުކޮށްދީފައިވާ ކަމުގައި ވަޒީރު ޠާރިޤް ވިދާޅުވިއެވެ. މީގެ އިތުރުން 45 ރަށަކަށް ހަމަ މިފަދަ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމުގައި ތާރިގު ވިދާޅުވިއެވެ.

އަދި ބަދިގެއިން އުކާލާ ކުނި ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓެކްނޮލޮޖީ އެއް ރާއްޖެ ގެނެސް 4 ރަށެއްގައި މިހާރު އިންސްޓޯލްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މިޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ އިތުރު ރަށްތަކުގައިވެސް މި ޓެކްނޮލޮޖީ އިންސްޓޯލްކުރާނެ ކަމުގައި އެވުޒާރާއިންވަނީ ބުނެފައެވެ.

މިއަދުގެ ރަސްމިޔާތުގައި ވަޒީރު ވިދާޅުވީ މިއަދު މިޙަވާލުކުރެވުނު ވެހިކަލްތަކަކީ ހިލޭ އެހީއެއްގެ ދަށުން ފޯރުކޮށްދީފައިވާ ތަކެތިކަމުގައިވިއަސް މިއީ އަގު ބޮޑު އެއްޗެއް ކަމުން މިއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މިއަދު މިހަވާލުކުރެވުނު ވެހިކަލްތައް އެއްމެ ރަނގަޅުގޮތުގައި ބޭނުންކޮށް އެރަަށްރަށުގެ ރައްޔިތުންނަށް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދީ މިގޮތަށް ފޯރުކޮށްދޭ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިންކޮށް ބެލެހެއްޓުމަށް ރަށުކައުންސިލްތަކުގައި ވަޒީރުވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން