އިޔާދަ ކުރަނިވި ހަކަތަ ޕްރޮމޯޓް ކުރާ ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވަޒަފުންނަށް ޕްރޮޖެކްޓްގެ ޓްރެއިންނިން ދިނުން މިހާރު ކުރިއަށް ގެންގޮސްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ދަށުން ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މެގަވޯޓް ސޯލާ ޕީވީ އަދި 3.23 މެގަވޯޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް ގެ އެހީގައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.

2023 މާޗުން ފެށިގެން މި ޕްރޮޖެކްޓް ތ. އަތޮޅު ބުރުނީ ފިޔަވައި އެ އަތޮޅު ހުރިހާ ރަށެެއްގައި ކުރިއަށް ދާއިރު ތ. ވޭމަންޑޫގައި މިދިޔަ މޭމަހު ވަނީ 250.6 ކިލޯވަޓްގެ ސޯލާ ޕީވީ ނިޒާމެއް ޕްރި-ކަމިޝަން ކުރެވިފައެވެ. މީގެ ސަބަބުން ކޮންމެ މަހެއްގައި ވޭމަންޑޫއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލުން އެވްރެޖްކޮށް 10،500 ލީޓަރު ސަލާމަތް ކުރެވޭނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް ހދ އަތޮޅުގައި ވެސް މިވަގުތު ކުރިއަށް ދާއިރު މި ޕްރޮޖެކްޓް ވަނީ ހއ. ށ. އަދި ނ އަތޮޅުގައިވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެކަމަށްވެސް ފެނަކައިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން