ކަންނެލި މަސްވެރިންނަށް ދެރަވާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި އެދާއިރާ އާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންގެ ފަރާތުން އިސްނަގައިގެން މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސް ދޯނިތަކަކުން މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާގައި ބައިވެރިވެވަޑައިގެން ބައިވެރިންނާއި ވާހަކަ ދައްކަވަމުންނެވެެ.

އެގޮތުން ކަންނެލި އޮޑިތައް މާލޭގެ ފަޅަށް ވަދެ ގިނަ މަސްވެރިންތަކެއް ދަނީ އިހުތިޖާޖްކުރަމުންނެެވެ. އިހުތިތާޖް ކުރާ ފަރާތްތަކުން ގޮވާލަމުންދަނީ ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫނުކުރުމަށާއި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށާއި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށެެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް ނިންމުމުގެ ކުރިން މަސްވެރިން އެކަމަކާމެދު ދެކޭ ގޮތެއް ބަލައި ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ލޭނު މަސްވެރިކަމުގެ އިތުރަށް ދައުލަތަށް އާމްދަނީ އިތުރުވާނެ ގިނަ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށް ދިރިއުޅުމުގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށްވާތީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދަން މަޖުބޫރުވާތީ ވިސްނަންޖެހޭ ކަންކަން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެގޮތުން އާމްދަނީ އިތުރުކުރުމަށް ހުށައެޅި ކަންކަމުގެ ތެރޭގައި ލޭނު މަސްވެރިކަން ހިމެނޭ ކަމަށެވެެ. އެކަމާ ގުޅިގެން ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަނާވެސް މަޝްވަރާކުރި ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

"އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް ހުރި. އަޅުގަނޑުމެން އެއިން އެއްވެސް ކަންބޮޑުވުމެއް ނޯޓު ނުކޮށެއް ނޯންނާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. 

މިނިސްޓަރު ޝިޔާމް ވަނީ ކަންނެލި މަސްވެރިން ހާސްނުވުމަށް ގޮވާލައްވާފައެވެ.

"ތިޔަ ބޭފުޅުންނަށް އަދި ހާއްސަކޮށް ދިވެހި ރައްޔިތުންނަށް ދެރަވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ތިޔަ ބޭފުޅުންނަށް މިތަނުގައި ތިއްބެވި ހުރިހާ މަސްވެރިންނަށް އަރުވަން،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މަސްވެރިންގެ ހިތްތަކަށް އުނދަގޫވާނެ އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި މަސްވެރިންނާ ގުޅުންހުރި އެއްވެސް ކަމެއް ސަރުކާރުން ކުރާނީ މަސްވެރިންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެން ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން