ޑެންގީއާއި ޗިކުންގުންޔާ ފަދަ ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުން އަންނާތީ ކުރިޔަށް އޮތް ޗުއްޓީ ދުވަސްތައް ހޭދަ ކުރާއިރު އެކަމަށް ސަމާލު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ޑެންގީ، ޗިކުންގުންޔާ، ބޭރަށް ހިންގުން އަދި އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތައް ވެސް އިތުރުވަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު ކުޑަ ކުރުމަށް ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ.

އެގޮތުން އަރިދަފުސް ރޯގާތަކުން ރައްކާތެރިވާން އަޅާ ބައެއް ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

އެގޮތުން ރޯގާ ޖެހިގެން ދިގުލައިގެން ދާނަމަ ޑޮކްޓަރުގެ ލަފާ ހޯދުމަށާއި ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމާއި ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ގޮތުން ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމާއި ރޯ ތަރުކާރި އާއި މޭވާ ރަނގަޅަށް ދޮވުމާއި ކާބޯތަކެތި ރައްކާކުރާ ތަންތަނަކީ ސާފުތާހިރު ތަނެއްތޯ ކަށަވަރު ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އަދި ކާބޯތަކެއްޗަށް ދިރޭ ސޫފާސޫފި ނޭރޭނެހެން ރައްކާތެރި ކުރުމާއި، ތާޒާ ކާބޯތަކެތި ބޭނުން ކުރުމާއި، ކުނި ރައްކާ ކުރުމުގައި މަތި ޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި، ވީހާވެސް އަވަހަށް ކުނި އުކާލުމުގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތް ދިމާވާނަމަ ކުދިން ސްކޫލަށް ނުގެންދިޔުމަށް އެޗްޕީއޭއިން ވަނީ އެދިފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން