ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.

ބިން ހިއްކާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް އެޗްޑީސީން އިލްތިމާސްކޮށްފައިވަނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާތީކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައިވާކަންވެސް ފާހަގަކޮށްފައެވެ. އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގު ހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާއްމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވުމާއެކު، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (ސައިޓް ބީ2 އަދި ސައިޓް ސީ) ގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީ އިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.



ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން