މި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ބިލްތައް މަޖިލީހަށް ހުށަޙަޅާނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ ޝާއިއުކުރީ އިއްޔެ އެވެ.

މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި 213 ބިލެއް އެކުލެވެއެވެ. އެގޮތުން، މި ލެޖިސްލެޓިވް އެޖެންޑާގައި، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ތައާރަފުކުރަންޖެހޭ ބިލުތަކާއި، ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށްޓަކައި ހުށަހަޅާ ބިލުތައް ހިމެނެއެވެ.

އޭގެ އިތުރުން، އަލަށް އެކުލަވާލަން ޖެހޭ ޤާނޫނުތަކާގުޅޭ ބިލުތަކާއި، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިސްލާޙުގެންނަންޖެހޭ ގާނޫނުތަކުގެ ބިލުތައް ވެސް ހިމެނެއެވެ.

"ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ބިލްތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާނީ ވަގުތާއި ހާލަތަށާއި ބޭނުމަށް ރިއާޔަތްކުރުމަށް ފަހުއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް މި ލިސްޓަށް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލެޖިސްލެޓިވް އެޖެންޑާ މަދުވެގެން އެއްފަހަރު މުރާޖައާ ކުރެވޭނެއެވެ." އޭޖީ އޮފީހުން އިތުރަށް ބުންޏެވެ.

ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ދުސްތޫރީ އަދި ގާނޫނީ ކަންކަމާއި، އިސްލާމްދީނާއި ގައުމިއްޔަތާއި، ގައުމީ ސަލާމަތާއި ހާރިޖިއްޔާ ހިމެނެއެވެ. އަދި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާއި، ވިޔަފާރިއާއި އިގުތިސާދު، ފައިސާއާއި މާލީ ކަންކަމާއި ބިމާއި މުދަލާއި އުމްރާނީ ތަރައްގީ ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން