ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު ވާސިފް އެމަގާމުން އިސްތިއުފާ ދެއްވައިފިއެެވެ.

ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު ވާސިފް އެމަގާމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 06 ވަނަ ދުވަހުއެވެ. ތިން އަހަރެއްހާ ދުވަހު މަގާމުގައި ހުންނެވުމަށްފަހު މިއަދު މަގާމުން އިސްތިއުފާ ދެއްވައި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ވައިސް ޗެއާއާއި ބޯޑު މެމްބަރުންނަށް ފޮނުވި ސިޓީއެއްގައި ޗެއާމަން އަޙުމަދު ވާސިފް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ވޭތުވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އެކުލަބު ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވެ އޭނާ ކުރި މަސައްކަތް ބޭކާރުވެގެން ދިޔުމުން ކަމަށެވެ.

"ފާއިތުވެދިޔަ 2 އަހަރު ވެސް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވެ ކުރި ބުރަ ހުރިހާ މަސައްކަތެއް ބޭކާރުވެގެން ދިޔުމަކީ އަޅުގަނޑުގެ ފެއިލްވުމެއް ކަމަށް އަޅުގަނޑު ދެކެމެެވެ. ވީމާ މިއަދު 14 ޖޫން 2024 އިން ފެށިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެެވެ." ވާސިފްގެ ސިޓީގައިވެއެވެ.

މީގެ އިތުރުން ވާސިފް ވިދާޅުވީ އެކުލަބާއި ހަވާލުވީ ވަރަށް ބޮޑު ދަރަންޏަކާއި އެކީގައި ކަމަށެވެ. އެގޮތުން ކުލަބާއި ހަވާލުވިއިރު 6 މިިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި އެހެން ނަމަވެސް އެއަދަދު 1.6 މިލިއަނަށް ކުޑަކޮށްފައިވާ ކަމަށް ވާސިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިއު ދަރަނިން ސަލާމަތްކުރަން އޭނާގެ އަމިއްލަ ޖީބުން ގިނަ ޚަރަދުތަކެއް ކޮށްފައިވާނެ ކަމަށެވެ.

ވާސިފްގެ ސިޓީގައި ކުލަބު ކޮޅަށް ޖެހުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ނަންތައް ވަނީ ހާމަކުރަށްވާފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން މުހިންމު ބައެއް ބޭފުޅުންގެ ނަންތަށް ސިޓީގައި ނެތް ކަން ފާހަގަކުރެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން