ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ސަފީރުކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިހު މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް އަރުވައިފި އެވެ.

މުންދު ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ ރިޔާސީ ގަނޑުވަރު، ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ ކަންކުރުމުގައި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި ޔޫއޭއީ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ޔަގީންކަން ޔޫއޭއީގެ ރައީސް ދެއްވިއެެވެ.

ޔޫއޭއީގެ ރައީސް ވިދާޅުވީ ރާއްޖެއާ އެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އާ ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހިންގެ ފަރާތުން ޔޫއޭއީގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން