ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ މީހުން މިހާރު ތިބީ މިނާގެ ފޭލިތަކުގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބުނެފިއެވެ.

މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރަން 1،150 މީހުން ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފައެވެ.

ޙައްޖު މިޝަނުން ބުނީ، ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން މިހާރު ތިބީ މިނާގެ ފޭލިގެތަކުގައި ކަމަށެވެ. ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެއެވެ.

ޙައްޖުވެރިން މިއަދުގެ ބޮޑު ބައެއް ހޭދަކުރާނީ މިނާގެ ފޭލިގެތަކުގަ އެވެ. އޭގެފަހުން ހައްޖުވެރިން ދެން ދަތުރު ފަށާނީ އަރަފާތު ބިމަށް ދިޔުމަށެވެ.

އަރަފާތު ބިމަށް ދިޔުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެެވެ. ހައްޖު ދުވަހުގެ އިރުއޮއްސުމުގެ ކުރިން އަރަފާތު ބިމަށް ނުދެވިއްޖެނަމަ އެމީހަކަށް ހައްޖެއް ނުލިބޭނެއެވެ.

އަރަފާތު ބިމުން މިނާއަށް ޙައްޖުވެރިން އަންނާނީ ޙައްޖު ދުވަހަށް ފަހުއެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. އެއަށް ފަހުގައި އެނބުރި މިނާއަށް އައިސް ޙައްޖުވެރިން ޢީދު ދުވަހާއި އިތުރު ދެ ދުވަހު މަޑުކުރާނީ މިނާގައެވެ. މައްކާއަށް އެނބުރި ދާނީ އެ ތިން ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ 1،150 މީހުން ވެސް ޙައްޖަށް ދިޔައީ ސަރުކާރުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން