ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގެ ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ސިޑްސް ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއެކު ވަޒީރުންގެ ޓީމެއް އެންޓީގާ އެންޑް ބާބިޔުޑާއަށް ވަޑައިގެންނެވީ ހުސްވި މެއި 24 އިން 31 އަށެވެ. 1994 ވަނަ އަހަރުން ފެށިގެން ރާއްޖެއިންވެސް ބައިވެރިވާ ސިޑްސް މަހާސިންތާއަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ މަހާސިންތާ އެކެވެ.

މި ދަތުރުފުޅުގައި ރައީސް އާއެކު 16 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ 16 ބޭފުޅުންގެ ޓިކެޓް ހަރަދަށެވެ. އެއީ 2.6 މިލިއަން ރުފިޔާއެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރެއްވީ ރާއްޖެއާ ވަރަށް ދުރުގައި އޮތް ގައުމަކަށްވާތީ ރާއްޖެއިން ފުރާވަޑައިގަތުމާއި، އެނބުރި ވަޑައިގަތުމުގައިވެސް ދަތުރުފުޅު މަތީ ކޮންމެ ފަހަރަކު 36 ގަޑިިއިރަށް ވުރެ ގިނަ އިރު ހޭދަކުރެއްވި ކަމަށެވެ.

ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް ޑރ. މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގެ ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި މަހާސިންތާއަކީ ތަރައްގީވަމުން އަންނަ ކުދި ގައުމުތައް ބައިވެރިވާ މަހާސިންތާއަކަށްވާއިރު، މިއީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ނާޒުކު ތިމާވެށްޓެއް އޮތް، އަދި ތަރައްގީގެ ރޮނގުގައި ކުރިއަށް ދިއުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ގައުމުތަކަށް ވަރަށް މުހިންމު މަހާސިންތާއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން