މަރަކާއި ހީލަތުން އެކި ކަހަލަ ސްކޭމްތައް އިތުރުވަމުންދާތީ ރައްޔިތުން އެފަދަ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

"ވޯކް އެންޑް ޓޯކް'' ގެ ނަމުގައި ފުލުހުން ހިންގި މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ހުރިހާ ރަށެއްގައި ވެސް ވަކިވަކީން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ސްކޭމް ކޯލުތައް މިހާރު އާއްމުވަމުންދާ ގޮތްތަކާއި، އެ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އީދު ބަންދުގެ ދުވަސްތަކުގައި ރަށުން ފުރައިގެންދާއިރު އަގުބޮޑެތި މުދަލާއި ގޯތި ގެދޮރުގެ ސަލާމަތަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭގެ އިތުުރުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ހިއްސާ ކުރި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދި ކަމަށްވެސް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން