އިއްޔެ ކުރިއަށް ދިޔަ ތިން ރަށެއްގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން، އީސީއިން އިއުލާންކޮށްފިއެވެ.

އިއްޔެ ބާއްވާފައިވަނީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމާއި ލ. ގަމު ކައުންސިލަށް އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން މ. މުލަކު ކައުންސިލްގެ އަންހެން މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެެވެ.

އެގޮތުން، އިއްޔެ ބޭއްވި ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެެވެ.

ވަގުތީ ނަތީޖާ ދަައްކާގޮތުން ކުޑަހުވަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ޕީއެންސީގެ ޖާދުﷲ ހަމީދު ގޮނޑި ކާމިޔާބު ކުރެއްވީ 826 ވޯޓު ހޯއްދަވައިގެންނެވެ. އެ ގޮނޑިއަށް ދެން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ޖަމީލަށް ލިބިވަޑައިގަތީ 624 ވޯޓެވެ.

އިއްޔެ ބޭއްވި ގަމު ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަލީ ނަޝީދަށް ލިބިވަޑައިގަތީ 644 ވޯޓެވެ. އެމްޑީޕީން ވާދަކުރި އަފްސަލް ޖައުފަރު އެ ގޮނޑި ކާމިޔާބުކުރެއްވީ 894 ވޯޓު ހޯއްދަވައިގެންނެެވެ.

މުލަކު ކައުންސިލްގެ އަންހެން މެންބަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ރީމާ ހުސައިން (ރީމް) އެެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ 336 ވޯޓު ހޯއްދަވައިގެންނެެވެ. ޕީއެންސީގެ ކެންޑިޑޭޓު މިޒްނާ ތައުފީގަށް ލިބިވަޑައިގަތީ 282 ވޯޓެވެ. މުލަކު ކައުންސިލްގެ އަންހެން މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއް ނުވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން