ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އުމުރުފުޅުން މިއަދު 46 އަހަރު ފުރިއްޖެއެވެ.

އެމަނިކުފާނު އުފަންވެވަޑައިގަތީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގަ އެވެ. ވެރިރަށް މާލެއަށް އުފަންވެ ވަޑައިގަތް މުއިއްޒުގެ މަންމާފުޅަކީ ހުސްނާ އާދަމެވެ. އަދި އެމަނިކުފާނުފެ ބައްޕާފުޅަކީ މަރްހޫމް ޝެއިހް ހުސެއިން އަބްދުއްރަހުމާނެވެ.

ރައީސް ޑރ. މުއިއްޒަކީ ރާއްޖޭގެ 8 ވަނަ ރައީސެވެ. ރާއްޖޭގެ ރައީސްކަމުގެ ހުވާ ރައީސް މުއިއްޒު ކުރެއްވީ ނޮވެމްބަރު 17، 2023 ގަ އެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނަކީ ސާޖިދާ މުހައްމަދެވެ. އެ ދެ ކަނބަލުންނަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެސް މިދިޔަ އަހަރު ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވައި އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. ރައީސް މުއިއްޒު ވަނީ ކުރީގައިވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި މުއިއްޒު ވަނީ ހައުސިން މިނިސްޓަރުކަން ކުރަށްވާފަ އެވެ.

ޕީއެންސީގެ އެންމެ އިސްވެރިއަކަށް ހުންނަވަނީވެސް ރައީސް މުއިއްޒުއެވެ. ޕީއެންސީ އަކީ މިހާރު ވެރިކަން ކުރާ މައި ޕާޓީ އެވެ. މުއިއްޒު ވަނީ މީގެ ކުރީގައި ޕީޕީއެމާއި އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަށްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން