ކުރިއަށް އޮތް އަޟްހާ އީދު ފާހަގަކުރުމަށް އައްޑޫސިޓީގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

އީދު ފާހަގަ ކުރުމަށް އައްޑޫގައި މި އަހަރުވެސް ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށް މި ހަރަކާތްތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތްތަކުން މައުލޫމާތު ދެއެވެ. މިމަހުގެ 10 އިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް އައްޑޫގެ އެކި ރަށްރަށުގައި އީދުގެ ހަރަކާތްތައް ކުރިޔަށް ދާނެއެވެ.

މިރޭ އައްޑޫގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ އީދު މަޅިލުމުގެ ހަރަކާތެވެ. މަޅިލުން އައްޑޫގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު މިރޭ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަށް ބެލެވޭ އެއް ހަރަކާތަކީ ލެންޓަރންސް އެރުވުމުގެ ހަރަކާތެވެ.

އީދު ދުވަހު އައްޑޫސިޓީ މަރަދޫގައި ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން ރަސް އޮންލައިިން އަށް ދިން އިންޓަވިއުއެއްގައި އީދު ކޮމެޓީގެ ޗެއަރ އަލީ ޝައުޒޫން ވިދާޅުވީ މިފަހަރުވެސް މަރަދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ. އަދި މޫސުން ތަންދޭނަމަ މަރަދޫގެ އެއްވެސް މިސްކިތެއްގައި އީދު ނަމާދު ނޯންނާނެ ކަމަށާއި ހުރިހާ ރައްޔިތުންވެސް އީދު ނަމާދަށް ބޮޑު ޖަމާއަތަށް ދިއުމަށް އެދޭ ކަމަށެވެ.

”އީދު ނަމާދަށް ފަހުގައި އީދު ސައި ކުރިޔަށް ދާނެ. ސައި އޮންނާނީ މަރަދޫ ޕާކުގައި އެކަމަށް ތައްޔާރުކުރެވިފައިވާ ސަރަހައްދެއްގައި. މިފަހަރުގެ އީދު ސަޔަށް 3000 މީހުން އަންނާނެ ކަމަށް ބެލެވޭ“ ޝައުޒޫން ވިދާޅުވިއެވެ.

އަޟްހާ އީދު ފާހަގަކުރުމަށް އައްޑޫސިޓީގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް:

10 - 16 އަށް ވޮލީބޯޅަ މުބާރާތް(ފޭދޫ)

15 ޖޫން 2024 : އީދު މަޅިލުން - ލެންޓަރންސް އެރުވުމާއެކު (ހުރިހާ އަވަށެއްގައި)

16 ޖޫން 2024: ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރުން (ހުރިހާ އަވަށެއްގައި)

16 ޖޫން 2024: އީދު ސައި (ހުރިހާ އަވަށެއްގައި)

16 - 20 ޖޫން 2024: ދަންޑެހެލަ ވައުދެމުމުގެ މުބާރާތް (މަރަދޫ)

16 - 21 ޖޫން 2024: ހޭންޑް ބޯލް ޓޯރނަމެންޓް (މީދޫ)

19 - 21 ޖޫން 2024: ބައިބަލާ މުބާރާތް (ހިތަދޫ)

18 ޖޫން 2024: ސަގާފީ ޝޯވ (ހިތަދޫ)

18 ޖޫން 2024: ކުޑަކުދިންގެ އާއިލީ ހަވީރު (ފޭދޫ)

18 - 28 ޖޫން 2024: ފުޓްސަލް ޓޯރނަމެންޓް (މަރަދޫފޭދޫ)

19 ޖޫން 2024: އީދި ގަލާ ޓްރެޝަރ ހަންޓް (ހުރިހާ އަވަށެއްގައި)

22 ޖޫން 2024: ދުންމާރި ޝޯވ (ހިތަދޫ)

15 - 22 ޖޫން 2024: ގެތަށް ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތް (ހުރިހާ އަވަށެއްގައި)

15 - 22 ޖޫން 2024: މުވައްސަސާތައް އަދި އަމިއްލަ ވިޔަފާރި ކުރާ ތަންތަން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތް (ހުރިހާ އަވަށެއްގައި)

16 - 23 ޖޫން 2024: ސޯޝަލް މީޑިޔާ ޗެލެންޖު (ހުރިހާ އަވަށެއްގައި)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން