އަޟްހާ އީދު ބަންދާ ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަޟްހާ އީދު ބަންދާ ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ "އޮޕަރޭޝަން އަޟްހާ" ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނިގޮތުގައި މިމަހުގެ 13 އިން 21 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާނެއެެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

މި އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ބައިވެރިވާއިރު، އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ސަރަހައްދުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ވެސް ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެގޮތުން، މާލޭ ސަރަހައްދުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަނުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަނުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަހަރުގެ އަޝްހާ ޢީދު ދުވަހަކީ މާދަމާއެެވެ. ޢީދު ޗުއްޓީ އަށް މާދަމާ އިން ފެށިގެން ހަފުތާ އަކަށްވުރެ ދިގު ޗުއްޓީ އެއް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން