ފަލަސްތީނުގެ ރައްޔިތުންނަށް ދުއާކޮށްދިނުމަށް މިއަދު ދިން ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.

އެ ގޮތުން މިވަގުތު ފަލަސްތީނުގެ މުސްލިމް އަޚުންގެ ހައްގުގައި ދުއާކުރުން އެންމެ މުނާސަބު ބަޔަކީ ހައްޖުވެރިންކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަންޖެހޭކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

ހައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީޘް ކުރެއްވި ބައެއް ކަންކަމަށް ވަނީ މިއަދުގެ ހައްޖު ހުތުބާގައި އަލިއަޅުވާލާފައެވެ. އެގޮތުން އެކެއްގެ ލެޔާއި ނަފްސު، އަނެކާއަށް ޙަރާމްވެގެންވާކަން ފާހަގަކުރެެއްވިއެވެ. އަދި މާތް ﷲ އަކީ އެއްކައުވަންތަ ރަސްކަނލާގެ ކަމަށާއި އިންސާނުންނާއި ޖިންނީން އެކަނލާގެ ހެއްދެވީ އެކަނލާގެއަށް އަޅުކަން ކުރުމަށްކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެއިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަންވެސް ޙައްޖު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޒަކާތް ދިނުމާއި ފަގީރުންނާއި ނިކަމެތިންނަށް އެހީވުމަށް ހުތުބާގައި ބާރުއެޅި އެވެ. އަދި މާތް ﷲ ނަހީކުރައްވާފައިވާ ފާހިޝު އަމަލުތަކާއި ބޭކާރު ގޮތުގައި މުދާ އިސްރާފު ނުކުރުމަށް ވެސް ގޮވައިލިއެވެ. މީގެ އިތުރުން، ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލި މާތް ﷲ އަށް ތަގުވާވެރިވުމަށާއި މާތް ﷲ އަށް ތަގުވާވެރިވުމަކީ ދެ ދުނިޔޭގެ ހެޔޮކަމާއި ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެ ކަމެއް ކަމުގައި ހުތުބާގައި ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

މަސްޖިދުއް ނަމީރާގައި އިއްވި މިއަހަރުގެ ހައްޖުގެ ހުތުބާ އިއްވަވައިދެއްވީ އަލް މަސްޖިދުލް ޙަރަމްގެ އިމާމް މަހާރް އަލް މުއައިޣްލީއެވެ. މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ މައްކާއަށް ޖަމާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން