ޢީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ އަޟްޙާ އީދުގެ މުނާސަބަތުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސް ފޮނުއްވި ޚިތާބެއްގައެވެެ. އެ ޚިތާބުގައި ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ވަނީ އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތައް ހިފަހައްޓައި، އިސްލާމީ އަހުލާގާއި ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތުތައް އީދުގެ އުފަލުގެ ތެރެއަށް މަސްހުނި ނުކުރުމަށް އެދިވަޑައިގެންފައެވެ.

"ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތު ކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުން އަޅުގަނޑު އެދެން." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒުގެ ޚިތާބުގައި މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ މަތިން ގިނަގިނައިން ހަނދާންކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ރައީސްގެ ޚިތާބުގައި ވަނީ ޢީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރު ތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށް ބާރުއަޅުއްވައިފައެވެ. އަދި ޢީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި މި އަހަރުގެ އަޟްޙާ އީދުގައި ހުރިހާ ދިވެހިން އެންމެ އިސްކުރާ ކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާކުރުން ކަމަށެވެ. ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ ބޮޑެތި އަނިޔާތައް ކުށްވެރިކޮށް، މަސްޖިދުލް އަޤުޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވެ ސަހަރޯވެރިވުމުގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ އުންމަތެއްކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ގުޅިގެން އެކި ގައުމުތަކުގެ މުސްލިމުން ކުރަމުންދާ ހެޔޮ ދުއާއާއި ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭ ދިނުމަކީ އެ ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ވޭން މުޅި ހަށިގަނޑުން ބަރުދާސްކުރާ ކަމުގެ ހެއްކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ޢީދުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވެސް ފޮނުއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން