ޢީދު ފާހަގަކުރުމަށް ފ.ނިލަންދޫގައި ރޭ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ޢީދު ފާހަގަކުރުމަށް ފ.ނިލަންދޫގައި ރޭ ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޟްހާ ޢީދު ކުޅިވަރުތައް ފަށައިފިއެވެ.

އަޟްހާ ޢީދުގެ ކުޅިވަރުތައް ގިނަ ރަށްރަށުގައި ރޭ ފަށާފައިވަނީ ޢީދަށް ގޮވުމާއި ޢީދު ހުޅުރޯކުރުމުންނެވެ. އެކި ރަށްރަށުގައި މި ހަރަކާތަށް ތަފާތު ނަން ވެސް ވަނީ ދީފައެެވެ.

މި ހަރަކާތަށް ބައެއް ރަށްރަށުގައި ޢީދު ހުޅުޖެހުމޭ ވެސް ކިޔައި އުޅެއެވެ. މި ހަރާކާތަށްފަހު އަންހެނުންނާއި ފިރިހެނުންގެ ސަގާފީ ކުޅިވަރުތައް ރޭ ވަނީ ބާއްވާފައެވެ.

ޢީދުގެ ރަސްމީ ހަރާކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 07:00 ގައި ކުރި ޢީދު ނަމާދަށްފަހު އެެވެ. މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރީ މާފަންނު ސްޓޭޑިއަމްގައެވެ. މި ޖަމާއަތުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތެެވެ. އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ބައިވެރިވެ ވަޑައިގެން ޢީދު ނަމާދު ކުރެއްވުމަށް ފަހު ރައީސް ވަނީ ނަމާދަށް ގޮސް ތިބި ބައެއް މީހުންނާ ސަލާމް ކުރައްވައިފަ އެވެ.



ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދަށްފަހު ޖަމާއަތުގައި ބައެއް ރަށްރަށުގައި ޢީދު ސައި ވަނީ ބާއްވާފައެވެ. ޢީދު ސަޔަށްފަހު ފެންކުޅީގެ ހަރާކަތްތައް ވެސް ބައެއް ރަށްރަށުން ވަނީ ފެނިގެން ގޮސްފައެެވެ. މި ހަރާކަތުގައި ކުދިބޮޑު ގިނަ އަދަދެއްގެ މީހުން ދަނީ ބައިވެރިވަމުންނެެވެ.

އަޟްހާ ޢީދު ނަމާދަށްފަހު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އުޟްހިޔާ ކަތިލުމުގެ ހަރާކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެެ.

އަޟްހާ އީދުގެ މުނާސަބަތާއި ގުޅިގެން ދިވެހި ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯ ތަކާއި އެކި ހަރަކާތްތައް މިއަދާ މިރޭގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހު ބައެއް ރަށްރަށުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޢީދު ފާހަގަކުރަން ބައެެއް ރަށްރަށުގައި ވަނީ ހަވާ ވެސް އަރުވާފައެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު މާލޭ ސިޓީގައި ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން ވިލިމާލޭގައި ރޭ 8:30 ގައި ޢީދު ބަނޑިޔާއާއި ޢީދު ބޮޑުބެރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭ ހުޅުމާލޭގައި އީދު ހުޅުޖެހުމާއި ވެދުމާ ދިއުމުގެ ހަރަކާތެއް ބޭއްވި އެވެ.

ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލޭގައި ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެގޮތުން ދެލިމާލި ނެރުމާއި ކޯޑި ކެނޑުމާއި ދަފިނެގުމާއި ލަނގިރި ޖެހުމާއި ބޮޑު މަސްދުއްވުން ފަދަ ހަރާކާތްތައް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޢީދު ފާހަގަކުރުމަށް ގިނަ ހަރާކާތްތަކެއް ވަނީ ރާވާފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ވަނީ "ޢީދު މަޅިލުމުގެ" ނަމުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ އަވަށު ސިޓީ ސްކޮޔާ ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.

ޢީދު މަޅިލުމުގެ ހަރަކާތުގެ ތެރެއިން ރޭ ވަނީ ލެންޓާންސް ވެސް އަރުވާފައެވެ. އެ ސަރަހައްދަށް އެއްވެފައިވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ވަނީ ލެންޓާންސް ފޯރުކޮށްދީފައެވެ.

މީގެއިތުރުން އެ ސަރަޙައްދުގައި ބޮޑުބެރު ޖެހުމުގެ ހަރަކާތް ވެސް ބޭއްވިއެވެ. ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ މީހުން އެއްވިއެވެ.

މިއަހަރު ސަރުކާރުން ވަނީ ތިން ރަށެއްގައި ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ނިންމާފައެވެ. އެއީ ރ. އުނގޫފާރާއި ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫގައެވެ. އެރަށްރަށުގައި ޢީދު ފާހަގަކުރަން ގިނަ ހަރާކަތްތަކެއް ވަނީ ރާވާފައެވެ.

އަޟްހާ ޢީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން