ގަވާއިދުން ކުލި ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުން ފެން ކަނޑާލާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލައާއި ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ކުއްޔަށް ދީފައި ހުންނަ ބައިން ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެހެންވެ އެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެއެވެ.

އެފަދަ ބައެއް މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދެވިފައިވާ ކަންވެސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަަމަށެވެ.

އެޗްއާރުސީއެމުން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށެވެ.

"އެހެންކަމުން އާންމު ފަރުދުންގެ މެދުގައި އާއި އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން