ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

މިމާރާމާރީގެ އިތުރުން މިއަދު ވެސް މާލެ އާއި ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީ އެއް ހިނގާފައެވެ.

ފުލުހުން ބުނިގޮތުގައި ފުރަތަމަ މާރާމާރީގެ ރިޕޯޓް ލިބުނީ 4:07 ހާއިރު ކަމަށެވެ. ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި އެ މީހާ ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާ ގައިގައި ކާރުން ޖައްސާފައި ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ.

އޭގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި އަނިޔާވީ މީހާއާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިއަދު މެންދުރު 12:45 އެހާކަންހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

އެ މާރާމާރީގައި ދެ މީހަކު ޒަޚަމުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން