މާލޭގައި ރޭ ސައިކަލްތަކެއްގައި ރޯވީ އެކްސިޑެންޓަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ހެންވޭރު މެހެލި ގޯޅި ނުވަތަ ކޮފީ ރެޒިޑެންސް ގޯޅި ތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯވެ ފަސް ސައިކަލެއް ވަރަށް ބޮޑަށް ވަނީ އަނދާފައެވެ. ފުލުހުން ބުނީ އެމައުލޫމާތު ލިބުނީ ރޭ ދަންވަރު 12:34 ހާއިރު ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ސައިކަލްތަކުގައި ގަސްތުގައި ބަޔަކު ރޯކޮށްލީ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އެއީ އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ސައިކަލްތަކުގައި ރޯވި އަލިފާންގަނޑު ސިފައިންގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވުނީ ރޭ 12:42 އެހާކަންހާއިރު ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް އޮންނަ ޕާކިން ޒޯނު ނުވަތަ ގްރީން ޒޯން ސަރަހައްދުގައި ހުރި ސައިކަލްތަކެއްގައި މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ ރޯކޮށްލާފައެވެ.

އެ މައްސަލައިގެ ތުހުމަތަށް އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް 30 ދުވަހަށް އެމީހާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން