ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ފުޓްބޯޅަ ޕްރޮގްރާމްތައް ހުށައަޅައިދީފައިވާ ނޫސްވެރިޔާ އަބްދުﷲ އަޒްމީނަށް 40 ހާސް ރުފިޔާ ދިނީ އެ ކުންފުންޏަށް އޭނާ ކޮށްދީފައިވާ މަސައްކަތުގެ އަގަށްވާ ފައިސާ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

އަޒްމީނަށް ޕީއެސްއެމުން 40،000ރ. ދީފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަތަކެއް ފަތުރަމުންދާ މި ދަނޑިވަޅުގައި އެ ކުންފުނީގެ އިސްވެރިން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. މީސް މީޑިއާގައި ފެތުރިފައިވާ އަޑުތަކަށް ބަލާއިރު ކުރިން ޕީއެސްއެމް ހިންގެވި އަލީ ޚާލިދުވެސް އެފައިސާ ނުދީ އޮއްވާ އެފައިސާ އަޒްމީނަށް މިހާރުގެ މެނޭޖްމަންޓުން ދިނީ މިހާރު ޕީއެސްއެމް ހިންގަވާ އިސް ބޭފުޅަކީ އޭނާގެ އާއިލީ ބޭފުޅަކަށް ވާތީ ކަމަށެވެ.

ޕީއެސްއެމްގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، މި މަހުގެ ކުރީކޮޅު އެ ކުންފުނިން އަޒްމީނަށް ޖަމާކުރި 40،000ރ. އަކީ 2018 ގެ ވޯލްޑް ކަޕްގެ ކަވަރޭޖަށް ހާއްސަކޮށް ލިޔުނު ފޮތުގެ މަސައްކަތުގެ އަގު ކަމަށެވެ. އަދި އެ މަސައްކަތުގެ އިތުރުން، އެ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ތައްޔާރު ކުރި ފޮތުގެ އަގާ އެކު އަޒްމީނު، އެ ދެ މައްސަކަތާ ހަވާލުވީ 50،000ރ. އަށް ކަމަށް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ އޭނާ ޕީއެސްއެމާ ހަވާލުވިއިރު ގިނަ އަދަދެއްގެ ބަޔަކަށް ދޭން ޖެހޭ ފައިސާ ނުދީ ހުރި ކަމަށެވެ. މި އަހަރުގެ ރޯދަމަހުގެ ޕްރޮގްރާމްތައް ފަށަން ބެލިއިރު 2023 ވަނަ އަހަރުގެ ގުރުއާން މުބާރާތް ވެސް ހިމެނޭ ގޮތަށް ހުރިހާ މުބާރާތެއްގެ ފައިސާ ނުދީ ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕީއެސްއެމްގެ އެމްޑީ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ޕީއެސްއެމުން އެނަލިސްޓުންނާއި ލިޔުންތެރިން ހޯދަން ބެލިއިރު ވެސް ފެންމަތިވީ އެ މީހުން ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރި މައްސަލަތައް ކަމަށް ޒިނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން