ފަލަސްތީނާއެކު ތިބިކަން ދައްކުވައިދިނުމަށް ދ. ކުޑަހުވަދޫގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ކުޑަހުވަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކުޑަހުވަދޫ ކައުންސިލް މެމްބަރު އައިޝަތު ނަޝީދާ ވިދާޅުވީ އެ ހިނގާލުމުގައި ކުޑަހުވަދޫގެ ރައްޔިތުންނާއި ކުޑަހުވަދޫއަށް ޒިޔާރަތްކުރާ މީހުން ބައިވެރިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޑަހުވަދޫގެ ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ތިބޭ ބައެއް ކަމަށާއި އަދި އީދު ފަދަ ދުވަސްތައް ފާހަގަކުރާއިރު ވެސް ބޭނުންވަނީ ކުޑަހުވަދޫގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުން ކަމަށެވެ.

ކުޑަހުވަދޫ އަކީ ގައުމީ ފެންވަރުގައި މިއަހަރު އަޟްހާ އީދު ފާހަގަކުރާ ތިން ރަށުގެ ތެރޭގައި ވެސް ހިމެނޭ ރަށެކެވެ.

އޭނާ ވިދާޅުވީ މާދަމާގެ ހަރަކާތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ފޮއްޓެއް ވެސް ބަހައްޓާނެ ކަމަށެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން މީގެ ކުރިން ވެސް ވަނީ އެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގައި ހިނގާލުންތައް ބާއްވައިފަ އެވެ.

މިދިޔަ އޮްކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއިލުން ފެށި ޣައްޒާގެ ގަތުލު އާންމުގައި 36،000 އަށް ވުރެ ގިނަ ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން