ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ފާއިތުވި 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ނެރުނު 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވިގޮތުގައި އެ ކުންފުންޏަށް ވަނީ އެ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2022 ވަނަ އަހަރު އެސްޓީއޯއަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 10 އިންސައްތަ މަދު އަދަދެކެވެ. އެގޮތުން 2022 ވަނަ އަހަރު އެސްޓީއޯއަށް ވަނީ 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

ފާއިތުވި އަހަރުގެ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމުން އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދައްކުރުމުން ކަމަށް އެ ކުންފުނިން ބުނެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު، އަދިކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައެވެ.

2023 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާ އިތުރުވެފައިވާއިރު ހިންގުމުގެ ފައިދާވެސް ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަންރުފިޔާ ވަނީ ލިބިފައެވެ. 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 1 ބިލިއަން ރުފިޔާއެވެ.

ޓެކުހަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ އެސްޓީއޯގެ ތާރީހުގައިވެސް ރެކޯޑް އަދަދެކެވެ. 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 728 މިލިއަންރުފިޔާއެވެ. މިއީ 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި 2022 ވަނަ އަހަރު 12 އިންސައްތައިގެ ކުރިއެރުމެއް ލިބިފައި ވަނީ އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރުމުން، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމުން ކަމަށެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ އިތުރުވެ، 1.1 ބިލިއަނަށް އަރާފައެވެ. މިއީވެސް ރެކޯޑް އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން