ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އުމުރުން 68 އަހަރުގައި ޒަކީ އަވަހާރަވީ އިއްޔެ އެވެ.

އަދި މިިއަދު ވަނީ އޭނާގެ ޖަނާޒާގެ ކަންކަން ނިންމައި މެންދުރު ނަމާދަށް ފަހު ކަށުނަމާދުކޮށް ވަޅުލައިފަ އެވެ.

ޒަކީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ ޒަކީ އަކީ ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، އެކަމުގެ އަގު ދައުލަތުން ވަޒަންކުރައްވާ އިނާމު ދެއްވަވާފައިވާ ޚިދުމަތްތެރިއެއް ކަމަށެވެ.

"އަލްމަރުޙޫމް މުޙައްމަދު ޒަކީއަށް ކީރިތިﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. މަރުޙޫމް މުހައްމަދު ޒަކީގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަރްހޫމް ޒަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. އުމުރުންފުޅުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

ޒަކީ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނު ކަމާއި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަން ކުރައްވައިފަ އެވެ. އަދި އެ އޮފީހުގެ ޕްރިންޓަރު ކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި، ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއަރ ޕްރިންޓަރުކަންވެސް ކުރެއްވިއެވެ.

އޭގެ އިތުރުން، އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި، ފޮތް ޗާޕުކުރާ ބައިގެ ސީނިއަރ ޕްރިންޓަރު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓަރު ކަމާއި، ޕްރިންޓިންގ ސުޕަވައިޒަރުކަންވެސް މުޙައްމަދު ޒަކީ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން