ޓެކްސް ނުދައްކާ ފަރަތްތަކަށް ފިޔަވަޅު އަޅައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 90 މިލިއަން ރުފިޔާ ހޯދައިފިއެވެ. މީރާއިން ނެރުނު އެ އިދާރާގެ 2023 ވަނަ އަހަރުގެ ރިޕޯޓުގައި ބުނީ މީރާ އަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން 200 އަށްވުރެ ގިނަ ފަރާތުގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާއިން ބައެއް ވިޔަފާރިތަކަށް ފިޔަވަޅު އެޅީ އެ އިދާރާއަށް ޓެކްސް ފައިސާ ނުދައްކައިގެން ނޯޓިސް ދިނުމަށް ފަހުގައި ކަމަށެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުން ޓެކްސް ނުދައްކައިގެން ނޯޓިސް ދިނުމުންވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓް މިދިޔަ އަހަރު ތެރޭގައި ވަނީ ފްރީޒްކޮށްފައެވެ.

ޓެކްސް ފައިސާ ނުދެއްކި އެކައުންޓުތަކުން ޖުމްލަ 90.3 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ނަގާފައެވެ. ޓެކްސް ނުދައްކައި ހުރި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ކުރިން މީރާއިން ވަނީ ގިނަ ނޯޓިސް ތަކެއް ފޮނުވާފައެވެ. އެގޮތުން ފައިސާ ދެއްކުމަށް އަންގާ 10،013 ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވެއެވެ. އަދި އެ ނޯޓިސްތަކާއި ގުޅިގެން 2.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ހޯދާފައެވެ.

6234 ފަރާތަކުން ވަނީ އަމިއްލަ އިސްނެގުމުގެ މަތިން މިދިޔަ އަހަރު މީރާއަށް ފައިސާ ދައްކައިފައެވެ. އެގޮތުގެމަތިން އެފަރާތްތަކުން 1.4 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކައިފައެވެ.

މިރާއިން ގެންގުޅޭ "ނޭމް އެންޑް ޝޭމް" ގެ ސިޔާސަތުގެ ދަށުން ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމުކޮށް އިއުލާން ކޮށްފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އަދި އެފަރާތްތަކުން ވަނީ 259.5 މިލިއަން ރުފިޔާ މީރާއަށް ދައްކައިފައެވެ.

ޓެކްސް ދެއްކުމަށްޓަކައި އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރުމުން 32 ފަރާތަކުން ވަނީ އެފަރާތްތަކުން ނުދައްކައި ހުރި ޓެކްސް ފައިސާ މީރާ އަށް ދައްކައިފައެވެ. އަދި ކޯޓަށް ގޮސްގެން ނުވަތަ ގާނޫނީ ފިޔަވަޅު އަޅައިގެން 20 ފަރާތަކުން ވަނީ ޓެކްސް ފައިސާ މީރާ އަށް ދައްކައިފައެވެ. އަދި މީރާ އިން ވަނީ ބަހާލައިގެން ޓެކްސް ދައްކަން ގިނަ ފަރާތްތަކަށް ފުރުސަތުވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން