ޖިނާއީ އަދުލުގެ ނިޒާމް ހަލުވިކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ވިދާޅުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ރައްދު ދެއްވައިފި އެވެ.

ކުރީ ސަރުކާރުން ދޫކޮށްލި އެތައް ސަތޭކަ ގައިދީންނާއެކު މާލޭގައި އުފެދިފައިވާ ވަގުންގެ ނެޓްވޯކު ހުއްޓުވަން ދަތިވެފައިވާ ކަމަށް ފުލުހުން ހާމަކުރުމާއި ގުޅިގެން މާރިޔާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށް ވިދާޅުވެ މިސަރުކާރު ވެރިކަމަށް އައިސް ދޫކުރި ކުށްވެރިންނާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ދޫކުރި ކުށްވެރިންގެ އަދަދު ހާމަކުރަން މާރިޔާ ވަނީ ގޮވާލައްވައިފަ އެވެ.

މާރިޔާއަށް ރައްދު ދެއްވައި މުހުތާޒް އެކްސްގައި ވިދާޅުވީ ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ މި ސަރުކާރުގެ ސިޔާސަަތެއް ނޫން ކަމަށެވެ. ހަަމަ އެހެންމެ ކުރީގެ ސަރުކާރޭކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[އޭގެ] ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ." މުހުތާޒް ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކުށްކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން [ކުރީ ސަރުކާރުން] 454 ކުށްވެރިން ޖަލުތަކުން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

ޝިފާން ވިދާޅުވީ ކުށްވެރިން މުޖުތަމައަށް ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެެވެ. ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން