ހެދުން އެޅުމާއި މުއާމަލާތް ކުރުމުގައި ލަދުވެތިކަމުގެ ސިފަ ނެތެމުންދާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ލަދުވެތިކަމާ އިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށެވެ.

ހަމަ އެހެންމެ ލަދުވެތިކަމަކީ، އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ހައްގު ވެރިޔާއަށް އޭނާގެ ހައްގު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމަކަށްވާ އިރު ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެކަމަށް ކީރިތި ރަސޫލާގެ ހަދީސްގައި ވެސް ހިމެނޭ ކަން ފާހަގަކޮށްފައި ވެއެވެ.

އެކަމަކު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާތަން މިއަދު ފެންނަމުން ދިއުމަކީ ހިތާމަވެރިކަމެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

"ހެދުން އެޅުމާއި، މުއާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއް ކަމަށެވެ. އަދި މުޖުތަމައެއްގެ އަހުލާގީ މިންތަކާއި އިޖުތިމާއި ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ލަދުވެތިކަމުގެ ސިފަކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން