ތުރުކީ ވިލާތުގެ އިރުދެކުނު ސަރަހައްދުގައި ބޮޑު އަލިފާންގަނޑެއް ފެތުރެމުންދާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާނުގެ ސަބަބުން މިހާތަނަށް 11 މީހަކު މަރުވެ ދިހަވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ.

ދިޔާބަކުރު ސިޓީ އާއި މާޑިން ސިޓީއާ ދެމެދު ރޭ ދަންވަރުން ފެށިގެން ރޯވެ އަނދަމުންދާ މި އަލިފާނުގެ ހާދިސާގައި ގިނަ ބައެއްގެ މުދަލާ ގެދޮރަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އެގައުމުގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޮކާ އެކްސްގައި ވިދާޅުވި ގޮތުގައި މި ހާދިސާގައި 78 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އޭގެ ތެރެއިން ފަސް މީހުން ތިބީ އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާން ރޯވާން މެދުވެރިވީ ގަސްތަކެއްގައި ރޯވެގެން ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ހާދިސާ ހިނގި ސަރަހައްދަށް އިމަޖެންސީގެ ހަތަރު ޓީމަކާއި 35 އެމްބިއުލާންސް ފޮނުވާފައިވާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

ހޫނުގަދަވުމުގެ ސަބަބުން މީގެ ކުރިންވެސް ތުރުކީގައި އެތައް ފަހަރެއްގެ މަތިން އަލިފާނުގެ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. މިފަދަ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން