މިފްކޯ ހިންގުމުގެ ސިޔާސަތަށް މި ސަރުކާރަކަށްވެސް ބަދަލެއް ނުގެނެވޭ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިފަދައިން ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އައްޑޫގެ މަސްވެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަސްވެރިންނަށް މިފްކޯއިން ލިބެންޖެހޭ ފައިސާ ނުލިބިގެން އަނެއްކާވެސް އައްޑޫގެ މަސްވެރިން އިހްތިޖާޖް ފަށަން ޖެހުމަކީ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ މިކަމާއި ގުޅިގެން މަސްވެރިންނަށް އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

”ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ ދިއުމާއި މިސަރުކާރުންވެސް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމީ މަސްވެރިންނަށް މާޔޫސްކަން ގެނުވާ ކަމެއް.” ނިޒާރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވީ ސަރުކާރުން އައްޑޫގެ މަސްވެރިންގެ އަޑު އައްސަވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފައިސާ ނުލިބޭތީ މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖުގައި މިއަދުވެސް މަސްވެރިން ދަނީ އެފަރާތްތަކަށް ލިބެންޖެހޭ ފައިސާ އަވަހަށް ދިނުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން