ތިލަފުށީ ބަނދަރު ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަކީ ޖީއެމްއާރަށް އެއާޕޯޓް ވިއްކާލުން ފަދަ ކަމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ފޭސްބުކްގައި ވިދާޅުވީ މާލޭގެ ކަނޑުގެ ބަދަރާ، ތިލަފުށީ ކަނޑުގެ ބަދަރު ބޭރުގެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާތީ ނުހަނު ކަންބޮޑުވާ ކަމަށެވެ.

އުމަރު ވިދާޅުވީ ދިވެހީންގެ އަމިއްލަ އެސެޓްތައް އެހެން ފަރާތްތަކަށް ދޫކޮށްލުމަކީ 'ދިވެހީންގެ ރާއްޖެ' އިން ކުރަންވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އެސެޓްތައް އުފައްދާ އެ ތަކެތި ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

ހަމަ އެހެންމެ އެ ފަދަ އެސެޓްތައް ބޭރުގެ ފަރާތަކަށް ވިއްކާލުމާ، ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ ކަންކަން އަމިއްލައަށް ކުރަން ނުދަންނަ، ކަންނެތް މީހުންއުޅޭ ގައުމުތަކުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މާލޭގެ ވައިގެބަދަރު ވިއްކާލުމަށް ކުރީގައި ކުރެވުނު މަސައްކަތްފަދަ އިގުތިސާދީ ގޮތުން ނުރައްކާތެރި މަސައްކަތެކެވެ. މީގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރި ތަކަށް އެތައް ދަތިތަކާ ކުރިމަތިވާނެއެވެ. ދައުލަތުގެ މި ފަދަ 'ސްޓްރެޓެޖިކް އެސެޓް' ތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާވެސް ހެޔޮއަގުގައި ޚިދުމަތް ދެވޭ ތަންތަނަށް ވާންޖެހެއެވެ." އުމަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ގްރޫޕަށް 25 އަހަރަށް ކުއްޔަށް ދިނެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމި 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެގްރިމަންޓް ބާތިލުކޮށް ވަނީ އެއާޕޯޓް އަލުން ދިވެހި ދައުލަތަށް ނަގައިފަ އެވެ. އެ މައްސަލައިގައި 272 މިލިއަން ޑޮލަރު ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދިނެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މު ޚަބަރާ ގުޅިގެން ސަރުކާރުން އަދި ބަހެއް ނުބުނެއެވެ. އެހެންކަމުން އެއީ އަދި މުޅީން ކަށަވަރު ޚަބަރެއް ކަމެއްވެސް ޔަގީނެއް ނުވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މިފަދަ ލިއުންތަކެއް މީސް މީޑިއާގައި ލީކް ކޮށްލާފައިވާތީ އެމައްސަލަ ބަލައިދިނުމަށް ކުންފުނީގެ ފަރާތުން މިހާރު ވަނީ އޭސީސީ އަށް ވެސް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން