ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށް ފަހު ރާއްޖެ އެނބުރި އަންނަ ހައްޖުވެރިން ބަލިތަކުން ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ދިވެހި ހައްޖާޖީން މާދަމާއިން ފެށިގެން އެނބުރި ރާއްޖެ އަންނައިރު ހައްޖުވެރިން އަންނަ ދުވަސްވަރަކީ އާންމުކޮށް ރޯގާ ފެތުރޭ ދުވަސްވަރެކެވެ. އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުން މުހިންމު ކަމަށެވެ. އަދި މިގޮތަށް ބޭނުންކުރާ ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމާއި، ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާން ކޮށްދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހިފައިވާނަ ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެ އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޑޮކްޓަރަށް ދައްކަވާއިރު އެބޭފުޅަކީ ހައްޖުން ނުވަތަ އުމުރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ދިވެހި ހައްޖާޖީން ރާއްޖެއަށް އެނބުރި އަންނަން ތާވަލުކޮށްފައިވަނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން ފުރަތަމަ ގްރޫޕް މާދަމާ، ދެވަނަ ގްރޫޕް މިމަހުގެ 28 ގައި، ތިން ވަނަ ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ފަހު ގްރޫޕް އަންނާނީ އަންނަ މަހުގެ 4 ގަ އެވެ.

މި އަހަރު ރާއްޖެއިން 1،150 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން