އަަވަހަށް ހަލާކުވާ ތަރުކާރީއާއި މޭވާ ފަދަ "ޕެރިޝަބަލް" ބާވަތްތަކުގެ ކާގޯ ސީދާ އައްޑޫއަށް ގެންދެވޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު އިބްރާހިމް ވަޖީހު ފޭސްބުކްގައި ވިދާޅުވީ އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބުލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ.

އެއާއެކު އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެގޮތަށް އެފަދަ މުދާ ސީދާ އައްޑޫއަށް ގެންދެވެން ފެށޭނެ ކަމަށެވެ.

ވަޖީހު ވިދާޅުވީ އެހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށެވެ.

މީގެ ކުރިން އެ ހިދުމަތް ދެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއް ކަމަށާއި އެހެންވެ އަހަރު ތެރޭ ގިނަ ދުވަސްތަކެއް ގައި އައްޑޫއަށް ބޭނުންވާ އެފަދަ މުދާ ގެންނަން ޖެހެނީ މާލެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދެން އަންނަ މަހު އެ ހިދުމަތް ފަށާއިރު ހިދުމަތް ދޭނީ ދަގަނޑު ބޯޓުން ކަމަށާއި އެއާއެކު އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، އެ ހިދުމަތް ލިބެމުން ދާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.

"އާއްމު ގޮތެއްގައި މިބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތަކެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގެ ރައްޔިތުން، އިންޑިއާ އިން ގެންނަން ބޭނުން ވާ، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނެއެވެ. ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށެވެ." ވަޖީހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން