މިސްކިތެއްގެ ހުރުމަތް ކަނޑާލައި މިސްކިތް ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ޝައިހު އަލީ ޒައިދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ޝައިހް ޒައިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހާ ދަށުދަރަޖައަށް މި މުޖުތަމައުގެ ބައެއް މީހުން ވެއްޓުނީތީ ހައިރާންވާ ކަމަށެވެ.

"ބަޔަކު މީހުން ނަމާދުކުރާ ދޮޅިއަޅައިގެން ގަމީސް ނުލައި ވައްތަރު ޖައްސާ ވީޑިއޯއެއް ވެސް ފެނިއްޖެ. މިހުންނަނީ މަޖާކަމެއް ނޫން. މިހުންނަނީ މަޖަލުގެ ނަމުގައި ހިންގޭ ޖަރީމާތައް. ތައުބާވުން ލާޒިމް." ޝައިހް ޒައިދު ވިދާޅުވިއެވެ.

ރ. މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލަ ފުލުހުން ބަލަމުން ދާއިރު ފުލުހުން އިއްޔެ ބުނީ މިސްކިތުގައި ޓިކޮޓޮކް ކުޅެފައިވަނީ އީދު ޝޯ ދޭން ރަށަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނުންތަކެއް ކަމަށެވެ.

މިސްކިތުގައި ޓިކްޓޮކް ކުޅެފައި ވަނީ "ދަންދާނަ" ގުރޫޕުގެ އަންހެނެކެވެ. މި މައްސަލައާއި ގުޅިގެން އެ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެންމީހާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށެވެ.

މި މައްސަލަ އަކީ އެ ގުރޫޕާ އެއްވެސް ގުޅުމެއް އޮތް އަމަލެއް ކަމުގައި ނުވިޔަސް އެ ގުރޫޕަށް ނިސްބަތްވާ މީހަކަށްވެފައި ރަސްމީ ދަތުރެއްގައި ގޮސް އެފަދަ އަމަލެއް ހިންގާފައިވާތީ އެއްވެސް މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް ދަންދާނަ ގުރޫޕުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން