ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ބިންހިއްކުަމާއި ފަސްގަނޑު ކޮމްޕެކްޓްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މުޅި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.



މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުއަށް ސަރުކާރުން ވަނީ 11.4 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ.

އެމްޓީސީސީން ބުނީ ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.



މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސްޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 81 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށިލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާއި، 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 9270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން