އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެއްވެސް މީހަކާއި މެދު ބަދަލު ހިފުމުގެ ރޫޙެއް ނުގެންގުޅުއްވާނެ ކަމަށާއި އެހެން ނަމަވެސް ގައުމުގައި އަދުލް އިންސާފު ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގެ ކުރިމަތީގައި މިރޭ ހުޅުވި ޕީއެންސީގެ އާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މިވޭތުވެދިޔަ ހަތް މަސްދުވަސް ތެރޭގައި ސިޔާސީ މަގުސަދެއްގައި ހައްޔަރުކުރި އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ކުރިއަށް އޮތްތާގައި އެފަދަ ކަމެއް ކުރާތަން ނުފެންނާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި ފާޑުކިޔުމަކީ އާކަމެއް ނޫން ކަމަށާއި ފާޑުކިޔާ ފަރާތްތަކުން ފާޑުކިޔަންވީ ކަމަށެވެެ. ރައީސް ވިދާޅުވީ ފާޑުކިޔަސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ތެދުބަހުން ކަމަށެވެ. ރައީސް ވަނީ ސިޔާސީ ފަރާތްތަކުން ފާޑުކިޔާއިރު ތެދުބަހުން ވާހަކަ ދެއްކުމަށް އެދިވަޑައިގެންފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނާއި ސަރުކާރާއެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލު ހިފުމެއް މިގައުމުން ނުފެންނާނެ ކަމަށެވެ.

"ތެދުބަހުން ކިޔާ ކޮންމެ އެއްޗަކަށް ޖަވާބުދޭނަން، އެހެންވީމާ ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރުކުރާނެ މީހަކު ނުހުންނާނެ، ސިޔާސީ ބަދަލު ހިފުމެއް ނުހިފާނެ، ބަދަލު ހިފުމުގެ ރޫޙު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވީ، އެކަން މިވަނީ މިގައުމުން ނައްތާލާފައި. ނުފެންނާނެ މިގައުމުން ބަދަލު ހިފުމުގެ ރޫޙެއް އަޅުގަނޑުމެންނާއެކު ރައްޔިތުން ތިބިހާ ދުވަހަކު، ބަދަލު ހިފުމުގެ ރޫޙެއް ނުފެންނާނެ. ނަމަވެސް އަދުލް އިންސާފު ގާއިމްކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަމަަށް ފުރުސަތު ނޯއްނާނެ ކަމަށާއި އެކަންކަން މިގައުމުން ނައްތާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ ކަމެއް ކުރި ބޭފުޅަކު ހެއްކާއެކު އެމަނިކުފާނުގެ އަރިހަށް ގެނެސްފިނަމަ އިސްވެ އެ ބޭފުޅަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ގަވާއިދާއި ހިލާފަށް ކަމެއް ކޮށްފައި އޮވެއްޖެނަމަ ނިޒާމްގެ ތެރެއިން އެމައްސަލަ އެއް ބަލައި އަަަޅަންޖެހޭ ފިޔަވަަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވާއިދާއި ހިލާފަށް ކަންކަން ކުރުމަކަށް އެފުރުސަތެއް ނޯއްނާނެ. އެއީކީ ބަދަލު ހިފުމެއް ނޫން އެއީ އަދުލް އިންސާފު ގާއިމްކުރުން. އެކަންކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ ކުރީގެ ސަރުކާރުގައި ހިންގާފައިވާ ހުރިކަންކަން ނިޒާމްގެ ތެރެއިން ބަލާފައި އަޅަންޖެހޭ ފިޔަވަަޅެއް އޮތިއްޔާ މޫނެއް ކަނދުރާއެއް ނުބަލައި ފިޔަވަޅު އަޅާނަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން