ކުރީ ސަރުކާރުން ވަނީ ދިވެހި ދައުލަތް ބަނގުރޫޓު ކޮށްލާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ، ޕީއެންސީ ހައުސް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ފަލާޙް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވަރަށަ ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަށް ވެރިކަން ލިބުން އެއީ ނަސީބު ކަމަށާއި، ވެރިކަމާއި ހަވާލުވެ ބަލާލިއިރު ގައުމު އޮތީ ބަނގުރޫޓު ކޮށްލާފައިކަމަށެވެ.

އެގޮތުން، ކުރީ ސަރުކާރުން ވަނީ ދަރަނި ނަގަމުން ގޮސް ސަރުކާރުގެ ސްކޫލްތައް ވެސް މޯގޭޖުކޮށްފައި ކަމަށާއި ވެރިކަން ބަދަލުނުވިނަމަ، އާންމު ރައްޔިތުންގެ ސައިކަލުތައް ވެސް މޯގޭޖުކުރީސް ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙްގެ ވާހަކައިގައި ވަނީ އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ޖަރީމާތަކާއި ކޮރަޕްޝަންގެ އަމަލުތައް ފޮރުވަން ސިޔާސީ ދަންތުރައެއް ޖަހަމުންދާކަމަށެވެ.

އެގޮތުން އެމްޑީޕީން ދަނީ ދޮގުތަކެއް ފަތުރަމުން ކަމަށާއި އޭގައި ގިނަ ބަޔަކު ޖެހެމުން ވެސް ދާކަމަށް ފަލާހު ވިދާޅުވިއެވެ.

ހާއްސަ ގޮތެއްގައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި އަމަލާ ދިމާ ނުވާކަމަށާއި އެމްޑީޕީން ފެތުރި އެ ދޮގުތަކުގައި އެމަނިކުފާނު ވެސް ޖެހިފައިވާކަމަށާއި އެކަމާ ހިތާމަކުރައްވާކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، އެމްޑީޕީން ފަތުރާ ދޮގުތަކާ ކުރިމަތިލާނެ ހިތްވަރު މި ސަރުކާރުގެ ވެރިންގެ ކިބައިގައި ހުންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން