މަސްވެރިން ކުރަމުންދާ މުޒާހަރާގައި އައްޑޫ ފިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ) އިން ކަރަންޓު ކަނޑާލައި އެތަނުގެ ހިންގުން ހުއްޓާލާފައިވާއިރު އަލުން އެތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭއެފްސީ އިން ބުނެފިއެވެ.

އޭއެފްސީ އިން މިއަދު ބުނީ އެ ފެކްޓަރީއަށް ކަރަންޓު ދިނުމަށް ދިވެހި ފުލުހުންގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު ދިނުމާ ގުޅޭގޮތުން މިއަދު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށާއި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަރަންޓު ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާ ފަށާފައި ވަނީ ފާއިތުވި ހޮނިހުރު ދުވަހުއެވެ. އެގޮތުން 50 އަށްވުރެ ގިނަ މަސްވެރިން ގެންދަނީ އައްޑޫގައި ހުންނަ އޭއެފްސީ ފެކްޓަރީ ދޮށަށް އެއްވެ މުޒާހަރާކުރަމުންނެވެ. މަސްވެރިން މުޒާހަރާ ކުރަމުން ދަނީ ސަރުކާރުން މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ވީހާވެސް އަވަހަށް އެ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިއެވެ.

މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށް ވީ ވައުދުތަކާ މުޅިން އިދިކޮޅަށް ކަންތައްތައް ވަމުންދާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައްވެސް ދަނީ އަމާޒުވަމުންނެވެ.

ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންގެ އަޑު މިސަރުކާރުން އަހާނެ ކަމަށާއި އަދި ފައިސާ ދިނުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން