ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު ކުއްލި މައްސަލަ ހުށަނޭޅުނު ސަބަބު އެމްޑީޕީން ހާމަކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް އަބްދުއް ރަހީމް ވިދާޅުވީ މަޖިލީހަށް މިއަދު އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވިކަން އިޢުލާން ކުރައްވާފަ އެވެ.

ނަމަވެސް އޭނާ މަޖިލީހުގައި މިއަދު ހާޒިރުވެ ނެތުމުން އެ މައްސަަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ އެޖެންޑާގައި ދެން ހުރި ކަންކަމަށް ރައީސް އަބްދުއްރަހީމް ފުރުސަތު ދެއްވީ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް "ރަސް"އަށް ވިދާޅުވީ މައްސަލަ ހުށަނޭޅުނީ މެމްބަރު އަހުމަދު ދީދީ ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ގަޑިއަށް ހާޒިރުނުވެވުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްލި މައްސަލައެއްގެ ގޮތުގައި މިއަދު ހުށަހަޅަން ނިންމާފައި އޮތީ މަސްވެރިންނަށް ފައިސާ ނުލިބޭތީ އައްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅޭ މައްސަލައެެއް ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅާނަންތޯ ސުވާލުކުރުމުން ނާޒިލް ސީދާ ވަކި ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އެކަމާމެދު އެއްޗެއް ދަންނަވަން އެނގޭނީ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން