މާލޭގައި ތަކުރާރުކޮށް ވައްކަން ކުރަން 46 މީހަކު އުޅޭ ކަމަށާއި މިހާތަނަށް 4000 ފަހަރު އެމީހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އޮންނަ ކަމަށާއި ކުރީ ސަރުކާރުން ދޫކޮށްލި 400 އަށްވުރެ ގިނަ ގައިދީންނާއެކު އެ ވަގުންތައް ހުއްޓުވަން ދަތިވެފައިވާ ކަމަށް ފުލުހުން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

އެއާއެކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަަކާ ބެހޭ 241 ކޮމިޓީގައި ހޯމް މިނިސްޓަރު އިހުސާން ވަނީ ވަގުންނާ ގުޅޭ އިތުރު މައުލޫމާތު ދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މައިގަނޑުގޮތެއްގައި ތަކުރާރުކޮށް މާލޭގައި ވައްކަންކުރުމުގައި އުޅެނީ 46 މީހަކު ކަމަށާއި އެ މީހުން 4000 ފަހަރު ފުލުހުންނާ އިންޓަރެކްޓް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ މީހުން ހައްޔަރުކޮށް ކޯޓުތަކަށް ގެންދިއުމުން އެއް ކޯޓުން އަނެއް ކޯޓަށް ފޮނުވާލަން އުޅުން ފަދަ މައްސަލަތައް ދިމްވަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތުން ޔޫރިން ޕޮޒިޓިވްވެގެން ކްރިމިނަލް ކޯޓަށް ނުވަތަ ޑްރަގް ކޯޓަށް ގެންދިއުމުން އެއީ އެ ކޯޓާ ގުޅޭ މައްސަލައެއް ނޫން ކަމަށް ބުނެ އަނެއް ކޯޓަށް ފޮނުވާލާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަމަ އެހެންމެ ބައެެއް ފަހަރު ކޯޓުތަކަށް ގެންދިއުމުން އެއީ ކޯޓުތަކުގެ އިހުތިސާސް ނެތް ކަމެކޭ ބުނެ އެ މީހުން ދޫވެސްކޮށްލާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެހެންވެ ވައްކަން ކުރާ މީހުން އަދިވެސް ތިބީ ދޫވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެންމެ ކްރިޓިކަލް ކަމަށް ފާހަގަކުރެވޭ 21 މީހުންނަށް ޓާގެޓްކޮށްގެން މިދިޔަ ހަފްތާއިން ފެނިގެން އޮޕަރޭޝަން ހިންގަމުންދަނީ. އޭގެ ތެރެއިން 10 މީހުން މިވަނީ ނެޝެނަލް ޑްރަގް އެޖެންސީގެ ފަރުވާއަށް ނެގިފަ." އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ހަތަރު މީހަކު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ 21 މީހުން އަތުލައިގަނެވުމުން މާލެތެެެރެއަށް އެކަށީގެންވާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ދޮންދުބުރިމާ

26-Jun-2024

އަތް ބުރިކޮށްލަބަލަ އޭރަކުން ނުކުރެވޭނެ އެއަތަކުން އިސްލާމް ދީނުގައި އޮންނަ ގޮތަށް ތަންފީޒް ކުރުމަށް ގޮވާލަން


-1

ތިމަންނަ

26-Jun-2024

މިހާރު ތިޔައޮތީ ހަނދާނީ ފިލާ ހައްގުވެފައި



ޓްރެންޑިން