ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި ކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯއިން) އިން ހާމަކޮށްފިއެވެ.

މިފްކޯގެ މާލީ ހާލަތާއިގުޅޭ ގޮތުން މައުލޫމާތު ދެމުން މިފްކޯއިން ބުނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުން، ކުންފުނި މާލީގޮތުން އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

މަސްވެރިންގެ އަތުން މަސް ގަންނަނީ ނުއަގުގައި ކަމަށް މިފްކޯއިން މިއަދު ބުނެފައިވާއިރު އެ ކުންފުނިން ބުނީ މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ސަރުކާރުން ލޯނުގެ ގޮތުގައި މިފްކޯއަށް ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މާފްކޮށްދީފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. އަދި މިއިން އެއްވެސް ފައިސާއަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުން ނަގާފައިވާ ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިއަން ރުފިޔާ ހޭދަވާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަށްވެސް ވަރަށް ބޮޑަށް ދަރާފައިވާކަން ހާމަކުރަމުން މިފްކޯއިން ބުނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާ ކަމަށެވެ. މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައި ނުވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

”ކުންފުނި ދަރަނީގައި ސަރުރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެން. އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން އެބަ ގެންދެވޭ.“ މިފްކޯއިން މިއަދު ބުނެފައި ވެއެވެ.

މިފްކޯއިން ބުނީ ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން