ތިން ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމަށް ނަރެންދުރަ މޯދީ އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮއްފިއެވެ.

ރައީސް މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑު ވަޒީރުގެ ދައުވަތު އެރުވީ އިންޑިއާގެ ހައި ކޮމިޝަނަރ މުނޫ މަހާވަރުއެވެ. އަދި ރައީސް ޑރ. މުޢިއްޒު ވަނީ އެ ދައުވަތު ގަބޫލުފުޅުކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅު ކުރެއްވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ އަވަށްޓެރި ގައުމަކަށްވާތީ ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖޭގެ ރައީސުންނާއި ދައުލަތުގެ ވެރިން ބައިވެރިވަވަޑައިގަންނަވާފައިވުމުން އެ އާދަކާދަ ހިފެހެއްޓެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުުމޫއާ ރައީސް ބައްދަލު ކުރެއްވިއެވެ. އަަދި މޯދީ ހުވާކުރެއްވުމުގެ ރަސްމިއްްޔާތުގެ ހަވާސާގައި ރައީސް ވަނީ މޯދީއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާއި ވެސް ރައީސް ބައްދަލުކުރެއްވިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ދަތުރުފުޅަށް ދައުވަތު ލިބިވަޑައިގެންނެވީ ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ ވަފްދު އިންޑިއާއަށް ދަތުރުކުރައްވާފައި ވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. މިއާއެކު ޓްރާންސިޓް ކުރުމާއެކު ދަތުރުފުޅުމަތީ ކޮންމެ ފަހަރަކުވެސް 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވިކަމަށްވެސް ބުނެފައިވެއެވެ.

އެއާއެކު މި ދަތުރުފުޅަށް ދިވެހި ސަރުކާރުން 1.4 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން