ދިފާއީ އަދި އެހެނިހެން ދާއިރާތަކުން އެމެރިކާއާ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކޮށްފައި ވަނީ އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން އެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ދިފާއީގޮތުންނާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިގްތިސާދީ އަދި ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ބްލިންކަން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި އަދި މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރާއްޖެއިން މޫސުމީ ބަދަލުތަކާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ވެސް ބްލިންކަން ވަނީ ތައުރީފް ކުރައްވައިފަ އެވެ.

މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އދ. ގެ ސެކެޓްރީ ޖެެނެރަލް އެންތަނީ ގުތަރޭސްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން