އެމްޑީޕީ އަށް 2028 ވަނަ އަހަރު ވެރިކަމަށް އާދެވެން އޮތީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ވިދާޅުވެ އެމްޑީޕީ ދޫކޮށް ދިޔަ ޑިމްކޮރެޓްސް ބޭފުޅުން އެނބުރި ގުޅިގެން މަސައްކަތްކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ދައުވަތު ދެއްވައިފިއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީ އަށް 2028 ވަނަ އަހަރު ވެރިކަމަށް އާދެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށެވެ. ރައީސް ސޯލިޙް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއް މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިނުގަތީ ޕާޓީން ބަޔަކު ވަކިވެގެން ދިއުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.އަދި އެމްޑީޕީން ވަކިވެގެން ދިޔަ ބޭފުޅުން އަލުން ވިސްނައި އެކުގައި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ. ސޯލިހް ވިދާޅުވީ އެމްޑީޕީ އަކީ ވަކިވެގެންދިޔަ ބޭފުޅުން ހިމެނޭހެން އެންމެން ގުޅިގެން އުފެއްދި ޕާޓީ އެއް ކަމަށެވެ.

ސޯލިޙް ވިދާޅުވީ ޒާތީ މައްސަލަތަކާއި އެމަނިކުފާނާއި ދޭތެރޭގައި ޖެހިފައިވާ މައްސަލައެއް ވިޔަސް ދޫކޮށްލުމަށްފަހު ގައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެމްޑީޕީން ފެށި މަސައްކަތް ނިމުމަށް ރައްޔިތުން ނޭދޭނެ ކަމަށާއި އެކީގައި އަދިވެސް އެބޭފުޅުންނާއެކު މަސައްކަތް ކުރެވޭނެ ކަމަަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



" ނޫނީ އެއީ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް. އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުއްމީދުތަކެއް އޮވޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިޙް ވިދާޅުވީ އެމްޑީޕީ ބައިބައިވިޔަނުދީ ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކަންކަމާ ގުޅޭގޮތުން ޕާޓީގެ ލީޑާޝިޕުން އެ މަނިކުފާނުގެ ލަފާފުޅު ހޯދަމުން އަންނަ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ އެމްޑީޕީ އަލުން ކޮޅަށް ތެދުވެ ޕާޓީގެ ހަރަކާތްތަކުގެ އަމަލީ މަސައްކަތްތައް އަންނަ ޖުލައި މަހު މެމްބަރުން ފަށާނެ ކަމަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ތެރޭގައި އެމްޑީޕީ އާ ރޫހަކާއި ޖޯޝާ އެކީ ސިޔާސީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.

ސާލިޙު ވިދާޅުވީ 2026 ވަނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެބައޮތް ކަމަށާއި އޭގެ ފަހުން 2028 ވަނަ އަހަރު އެކުގައި ތިބެވިއްޖެނަމަ އެމްޑީޕީ އަށް ވެރިކަަމަށް އާދެވޭނެ ކަމަށެެވެ.

"އެއަށްފަހު 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ދާއިރުގައި އަޅުގަނޑުމެންނަށް އެއްކޮށް ތިބެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ ދެން އަންނަ ދައުރެއްގައި އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވޭނެ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން