ފެނަކައާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިިމް ދީދީ (އައިބީ) އެވެ.

އައިބީ ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 67 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އައި ބީ ވިދާޅުވީ ފެނަކަ ހިންގުމުގައި އެކި ސަރުކާރުތަކުގެ އިހުމާލުން ކުންފުންޏަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ ކުންފުނިން އާންމުންނަށް ދޭ ހިދުމަތްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ.

ފެނަކައިގައި 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތްއިރު އެ ކުންފުނީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ މިހާރު ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ކުންފުންޏަށް 120 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފެނަކައިގައި 502 ޖަނެރޭޓަރު ހުރި ނަމަވެސް 302 ޖަނެރޭޓަރު މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި ފެނަކައިން އެސްޓީއޯއަށް އެކަނި ދައްކަން ޖެހޭ ދަރަނީގެ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތަކަކީ ސީދާ ގައުމުގެ މަސްލަހަތަށް އަސަރުކުރަމުންދާ ބޮޑު މައްސަލައެއް ކަމަށާއި އެހެންވެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަންކަމާމެދު އަޅަން ގަސްދުކުރާ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލަން ބޭނުންވާ ކަމަށް އައިބީ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން