ޕާޓީ ތެރޭގައި ޖެހުނު މައްސަލަތައް އެއްފަރާތްކޮށް ޕާޓީން ވަކިވެގެންދިޔަ ބޭފުޅުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއިދު ކުރައްވައިފިއެވެ.

އެމްޑީޕީއަށް 2028 ވަނަ އަހަރު ވެރިކަމަށް އާދެވެން އޮތީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށް ވިދާޅުވެ، އެމްޑީޕީ ދޫކޮށް ދިޔަ ޑިމްކޮރެޓްސް ބޭފުޅުން އެނބުރި ގުޅިގެން މަސައްކަތްކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވަނީ ދައުވަތު ދެއްވާފައެވެ.

ރައީސް ސޯލިހްގެ އެ ދައުވަތާއި ގުޅިގެން އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވި ވާހަކަފުޅަކީ ތެދުފުޅެއް ކަމަށެވެ. އަދި ސޯލިހު އެ ވިދާޅުވި މިސްރާބު "އަޅުގަނޑުމެން އެންމެންނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު" އެމަނިކުފާނު ވެސް ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ސޯލިހު މިއަދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ މައިގަނޑު ސަބަބަކީ އެ ޕާޓީން ބަޔަކު ވަކިވެގެން ދިޔުން ކަމަށެވެ. އަދި މިއީ ޖެހުނު މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެކީގައި މަސައްކަތް ކުރެވޭނެ. ނޫނީ އެއީ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް. އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުއްމީދުތަކެއް އޮވޭ, އަޅުގަނޑުމެން އެމްޑީޕީއަށް އެނބުރި އާދެވޭނީ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެގެން. 2026 ވަނަ އަހަރު އެބައޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު. އެއަށްފަހު 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ދާއިރުގައި އަޅުގަނޑުމެންނަށް އެއްކޮށް ތިބެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ ދެން އަންނަ ދައުރެއްގައި އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވޭނެ،" ޞާލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން