މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތަކުން ފެނަކައަށް އުއްމީދީ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ދައްކައިފިއެވެ.

ފެނަކައިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުންފުނި ކުރިން އޮތް ހާލަތުން އަރައިގަނެ، ފައިދާވާ، އަދި ރައްޔިތުންނަށް ދެވޭ ޙިޚިދުމަތްތައް ރަނގަޅު ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުންފުނީގެ އާ މެނޭޖްމަންޓުން ވަނީ ފުރަތަމަ ކުއާޓަރގައި ކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު އޮޕަރޭޝަނަލް ޕްރޮޕަބިލިޓީއަށް 117 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި ހިންގުމުގެ ހަރަދު ވަނީ 4 އިންސައްތަ ކުޑަ ކުރެވިފައެވެ.

ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު، ފެނަކައިގެ 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާކިޔާއިރު ސީ.އެސް.އާރް އަށް ކުރަމުން އައި ބޮޑެތި ހަރަދުތަށް ވަނީ 96 އިންސައްތަ ކުޑަކުރެވިފައެވެ. ފާހަގަކޮށްލެވޭ އެހެން އިތުރު ކަމަކަށް ބަލާއިރު ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް ކުރަމުން އަންނަ ބައެއް ޚަރަދުތައް އަގުހެޔޮ ކުރުމުގެ ގޮތުން އިއުލާން ކުރެވިގެން ދޯންޏެއް އަދި ލޭންޑިންގ ކްރާފްޓެއް ގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. މިގޮތަށް އަމިއްލަ އުޅަނދު ގަތުމުން ސަޕްލައި ކުރާ ދޯނި ވަކި ވަކިން ކޮންމެ ދަތުރަކަށް ކުއްޔަށް، ބޮޑު އަގުގައި ނެގުން ހުއްޓޭނެކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ދަނީ ސެންޓްރަލް ސާރވިސް ސެންޓަރެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ސެންޓަރު ޤާއިމްކުރުމުން ފެނަކައިގެ އެސެޓްތައް، އޮޕަރޭޝަނަށް ބުރޫނާރާނެ ގޮތައް އަގުހެޔޮކޮށް ސާރވިސް ކުރެވޭނެ މަގު ފަހިވެގެން ދާނެކަމަށް ފެނަކައިން މައުލޫމާތުދީފައިވެއެވެ.

ޚަރަދު ކުޑަކުރުމުގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ފުރަތަމަ ކުއާޓާގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ފެނަކައިގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 20 ރަށެއްގައި އިތުރުކޮށް ޖުމްލަ 10.7 މެގަވޮޓް ފެނަކައިގެ ކެޕޭސިޓީއަށް އިތުރު ކުރެވިފައިވާ ކަމަށް ފެނަކައިން ވަނީ ހިއްސާ ކޮށްފައެވެ.

ފެނަކައިން ދަނީ ރާއްޖޭގެ 157 ރަށެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ފެނަކައިން އަންނަނީ އާ އުއްމީދުތަކާއި ރައްޔިތުން ބަލައިގަންނާނެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކުންފުންޏަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން