މަސްވެރިންނަށް ފައިސާ ނުދެވި، އެމީހުން އިނދަޖެހެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ސަރުކާރުން އެކަމަށް އެކަށީގެންވާ އިންވެސްޓެއް ނުކޮށް އޮތުމުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ، މިސަރުކާރުން އޮތީ މަސްވެރިކަމަށް އިންވެސްޓު ނުކޮށް، އެސިނާއަތް ދޫކޮށްލާފައި ކަމަށެވެ. މަސްވެރި އޮޑިދޯނިތަކާއި، އެކަމަށް ބޭނުންކުރާ އާލަތްތައް ތަރައްގީވަމުން އައި އިރު ސަރުކާރު ތަކުން އޮތީ އެކަމަށް ތައްޔާރުނުވެ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިންނަށް 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި ކަމަަށެވެ. ސޯލިހް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހޭނީ ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ. އެކަމަށް އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރީ މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން ފެލިވަރުގެ ފެކްޓްރީ ބޮޑުކުރުމާއި، އައްޑޫ، އިހަވަންދޫ ފަދަ ތަންތަނުގެ ސްޓޯރޭޖް ގާއިމްކުރުމާއި ބޮޑުކުރުމުގެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވާފައި ވާނެ ކަމަށް ރައީސް ސޯލިހް ފާހަގަކުރެެއްވިއެވެ. ސޯލިހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އަމާޒު ހިފީ މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުމަށް ކަމަށެވެ. 

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސް އެންމެ ބޮޑަށް އެކްސްޕޯޓުކުރަމުން ދިޔަ ޔޫރަޕާއި އިނގިރޭސިވިލާތާ އެކު ޑިއުޓީ ކުޑަކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އެމީހުން އެކަން ބަލައިގަންނާނެ ކަމަށް އޭރު އުންމީދުކުރެވިފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް މި ސަރުކާރަށް ނުކުރެވެނީ އެކަށީގެންވާ ގޮތަކަށް ޔޫރަޕާއި އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރެވެމުން ނުދާތީ ކަމަށެވެ. މަސްވެރިން ކިރުވާ މަހުގެ އަގު ބޮޑުކުރައްވަން ވެރިކަމުގެ ފަހުކޮޅު ނިންމެވީ ޔޫރަޕާއި އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހުން ނަގަމުން އައި ޑިއުޓީ ކުޑަކުރާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން