މަގު ހެދުމާ ބެހޭ ދައުލަތުގެ ކުންފުނި، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން މުވައްޒަފުންތަކެއް ވަކިކުރަން ނިންމައިފި އެވެ.

އާރުޑީސީގެ އޮފިޝަލަކު "ރަސް"އަށް ވިދާޅުވީ ވަކި ކުރަން ނިންމާފައިވަނީ އާރުޑީސީގެ ހުޅުމާލޭ ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަމަށެވެ.

އެއީ އެތަނުގައި ހިންގަމުން ދިޔަ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ ވިޔަފާރިން ގެއްލުންވާތީ އާއެކު އެ ބިން ސަރުކާރުގެ އެހެން ޕްރޮޖެކްޓަކަށް ބޭނުންކުރަން ވެސް ނިންމާފައިވާތީ ކަމަށް އޮޕިޝަލު ވިދާޅުވި އެވެެ.

އާރުޑީސީން ބުނީ އެ ވިޔަފާރި ހުއްޓާލާ އެ ބިން ދޫކޮށްލަން ޖެހުނު މައިގަނޑު ސަބަބަކީ ފެސިލިޓީ ހިމެނޭ ސަރަހައްދަކީ ބޯހިޔާވަހިކަމުގެ މަޝްރޫ ދަށުން ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދަކަށްވުމާއި އަދި އެކަމާއި ގުޅިގެން ތަރައްޤީގެ އެހެނިން މަޝްރޫޢޫތައް ހިންގުމަށް ހަމަ ޖެހިފައިވާ ސަރަހައްދަކަށްވުމުން އެ ބިން ހުސްކުރުމަށް އެޗްޑީސީ އިން އެންގުމުންނެވެ.

އާރުޑީސީން މުވައްޒަފުން ވަކި ކުރަން ނިންމިއިރު އެ ކުންފުންޏާ އަދި ފެނަކައަކީ އާދަޔާ ހިލާފު ގިނަ އަދަދަކަށް މުވައްޒަފުން ލައިގެން މަސައްކަތް ކުރަމުންދާ ދެ ކުންފުންޏެވެ. އަދި އެ މުވައްޒަފުންގެ މުސާރައަށް ބޮޑު ހަރަދެއް ދައުލަތުން ކުރަން ޖެހެއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާ އިރު ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ފެނަކައިން ވެސް މުވައްޒަފުން މަދު ކުރި އެވެ. އެކަމާ ގުޅިގެން އިދިކޮޅުގެ އެމްޑީޕީގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

އާރްޑީސީން މިހާރު ވަނީ ލިއުނުން އެކަން އަންގާފައެވެ. ހުޅުމާލެ ފެސިލިޓީ ބަންދު ކުރުމުން ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހޭ ކަމަށް އެންގުމުގައި ބުނެފައި ވެއެވެ. އަދި އެކަން ކުރާނީ ވަޒީފާއާއި ބެހޭ ގާނޫނުގައި ވާގޮތުގެ މަތިންކަމަށް ވެސް އެންގުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން