ރާއްޖޭގެ ނެޝެނަލް ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައާއި މިހާރު ދެމުންގެންދާ އެކި ސަބްސިޑީތައް ހަމައެކަނި އޭގެ ހައްގުވެރިންނަށް އެކަނި ދިނުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފި އެވެ.

ވެރިކަން ކުރާ ޕީއެންސީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ އަޅުގަނޑުމެންނަކީ ވަރަށް ބޮޑަށް ބޭކާރު ހަރަދުކުރަމުންދާ ބައެއް ކަމަށެވެ.

އެގޮތުން އާސަންދަ ސްކީމަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ މިހާތަނަށް އައި އެންމެ ބޮޑު އެއް ޝަކުވާއަކީ އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިއުން ކަމަށެވެ. އަދި އެކަން ފެށުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އާސަންދަ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުގެ ހޮސްޕީޓަލުތަކާ ބޮޑެތި ޑީލުތައް ހަދައި އެއް ހޮސްޕިޓަލަކުން ކުރެވޭ އޮޕަރޭޝަން އޭގެ އަގު އެތައް ތަނެއް ބޮޑުކޮށް އަނެއް ހޮސްޕިޓަލަކުންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އާސަންދަވެސް އަދި ސަބްސިޑީވެސް ލިބެންވާ ހައްގު ފަރާތްތަކަށް އެ ދިނުން. އެ މަސައްކަތް އަޅުގަނޑުމެން މިއަދު މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ވަރަށް ތަފްސީލުކޮށް ވިދާޅުވި ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ހަރަދުކުޑަކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތް ކޮށްދެއްވާނަމޭ." ޝުޖާއު ވިދާޅުވި އެވެ.

އާސަންދަ ސްކީމް މިހާރު އޮންނަ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އެ ސްކީމް ކުރިއަށް ގެންދިއުމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ނިމިގެން ދިޔަ ސަރުކާރުގައި ވެސް އޮތީ ލަފާ ދީފަ އެވެ.

ސަބްސިޑީ ހައްގު ވެރިންނަށް އެކަނި ދިނުމަށް މެންބަރު ވަކާލާތު ކުރެއްވި އިރު މިސަރުކާރުގެ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ސީދާ ގޮތުން އެންމެ ބޮޑު ސަބްސިޑީއެއް ދީފައި ވަނީ ކަޅުބިލަ މަހުގެ މަސްވެރިންނަށެވެ. އެގޮތުން މި ސަރުކާރުން އެކަނި މަސްވެރިންނަށް 11 މިލިއަން ރުފިޔާގެ ސަބްސިޑީ ދީފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ އާބާދީގެ ތެރެއިން ސީދާ ގޮތުން ސަރުކާރުން ސަބްސިޑީ ދޭ ބަޔަކީ މަސްވެރިންނެވެ. ނަމަވެސް ކެއުމަށް ބޭނުންކޮށްއުޅޭ ބާވަތްތަކުގެ ތެރެއިން އެއްވެސް ކޮންޓްރޯލެއް ނެތި ރައްޔިތުން އެންމެ އަގު ބޮޑުކޮށް ގަންނަ އެއްބާވަތަކީ މަސްވެރިން ބާނާ ކަޅުބިލަ މަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން